އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު ހޮސްޕިޓަލް-1 އަދި ފެނަކަ ޓީމުން މޮޅުވެއްޖެއެވެ.
މުބާރާތުގެ 17 ވަނަ މެޗުގައި ހޮސްޕިޓަލް-1 ޓީމުން ޕޮލިސް ޓީމާ ބައްދަލުކޮށް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ މެޗުން މޮޅުވެފައިވާ ޕޮލިސް ޓީމުގެ މައްޗަށް ހޮސްޕިޓަލް-1 އިން ކުރިހޯދީ ފުރަތަމަ ސެޓު 25-18 އަދި ދެވަނަ ސެޓު 25-22 އިން ގެންގޮސްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހޮސްޕިޓަލް-1 ޓީމުގެ ޖާޒީ ނަންބަރު 8، ޢަލީ ޝާލިމް އެވެ.
މުބާރާތުގެ 18 ވަނަ މެޗުގައި ބައްދަލުކުރީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ދެ ޓީމު ކަމަށްވާ ފެނަކަ އަދި ކޮމްބައިން 1 އެވެ. ވާދަވެރި ކުޅުމަކަށްފަހު ފެނަކަ ޓީމުން މި މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-14 އިން ފެނަކަ ގެންދިޔަ ނަމަވެސް، ކޮމްބައިން 1 އިން ވަނީ ދެވަނަ ސެޓު 25-13 އިން ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 15-07 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ ފެނަކައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކަ ޓީމުގެ ޖާޒީ ނަންބަރު 17، އިސްމާޢީލް ނަޒީރު އެވެ.
މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމަނައިގެންނެވެ. އެގޮތުން މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމު މި މުބާރާތުގައި ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
ޖުމްލަ 42 މެޗު ކުޅުމަށް ތާވަލުކުރެވިފައިވާ މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން އަންނަނީ ބައިވެރިވަމުންނެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ވަރަށް ފޯރިއާއެކުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists