ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ޓީމު ސްކާލެޓް އަދި މަހިބަދޫ ކައުންސިލްގެ ވޮރިއާސް މޮޅުވެއްޖެއެވެ.
މި މުބާރާތުގެ 19 ވަނަ މެޗުގައި ބައްދަލުކުރީ ޓީމު ސްކާލެޓް އަދި ހޮސްޕިޓަލްގެ ބްލޭޒް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 18-10 އިން ސްކާލެޓް ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ހޮސްޕިޓަލް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 18-12 އިން ސެޓު ގެންގޮސްފައެވެ. ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 18-08 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ ސްކާލެޓް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްކާލެޓް ޓީމުގެ ޖާޒީ ނަންބަރު 14 މަރިޔަމް ހުމައިޝާ އެވެ.
މުބާރާތުގެ 20 ވަނަ މެޗުގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒު (އޭއީސީ) އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކުރީ މަހިބަދޫ ކައުންސިލްގެ ވޮރިއާސް ޓީމެވެ. މި މެޗުގެ ސެޓުތައް ވޮރިއާސް އިން ގެންދިޔައީ 18-09 އަދި 18-14 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވޮރިއާސް ޓީމުގެ ޖާޒީ ނަންބަރު 9 ފާތިމަތު ޝާރަތު އެވެ.
މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ ތިންވަނަ މުބާރާތެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ކުރިއަށްގެންދާއިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވާއިރު، މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މުބާރާތަކީ މަހިބަދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists