ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރު މަގާމުން ވަކިކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑިސީގެ ޗެއާގެ މަގާމުން ޗަހީރު ވަކިކުރައްވާފައިވަނީ، މިދިޔަ ބްރާސްފަތި ދުވަހުއެވެ. ޝަހީރު މަގާމުން ވަކިކުރެއްވި ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކަން ރަސްމީކޮށް އަދި އާއްމުކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމުން ޝަހީރު ވަކިކުރެއްވީ ދިވެހިންނަށް ޓޫރިޒަމްގެ މަންފާ ހޯދައިދިނުމަށް މީގެ 18 އަހަރު ކުރިން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޗެއާމަނެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ.
ޕީސީބީން ވަނީ މިދިޔަ ހަފްތާގައި އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް މަގާމުން ވަކިކުރައްވައި މިފްކޯގެ ޗެއާމަނަކަށް ހަމަޖައްސަވާފައެވެ.
ޝަހީރު އެޗްޑީސީ ޗެއާމަނަކަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހުއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists