ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މިއަދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރަކީ ޝަރުޢީ ދާއިރާގެ އެކި މަރުޙަލާތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އޭރުގެ މަދަނީ ކޯޓަށެވެ. އެ ކޯޓުގައި ޚިދުމަތް ކުރެއްވުމަށްފަހު، 2010 ވަނަ އަހަރުގެ މެއި މަހުގެ 23 ގައި މާހިރު ބަދަލުވެވަޑައިގެންނެވީ ފެމިލީ ކޯޓަށެވެ.
ފެމިލީ ކޯޓުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2022 ގައި އެ ކޯޓުގެ އިސް ޤާޟީގެ މަޤާމު ވެސް މާހިރު ވަނީ ފުރުއްވާފައެވެ. އޭގެފަހުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists