ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
އޭޝިއަން އިންޓަރނޭޝަނަލް ރެފްރީ ކެންޑިޑޭޓެއް ކަމަށްވާ އައިދާ މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ، ބޫޓާނުގައި ކުރިއަށްދިޔަ "ކާވާ ބީޗް ވޮލީބޯލް ޓުއަރ – ބޫޓާން އޯޕަން 2026" ގައެވެ. މި މުބާރާތުގައި އައިދާ ވަނީ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި މެޗުތަކުގައި އިންސާފުކޮށްދީފައެވެ.
ބޫޓާންގައި އައިދާ ދެއްކި ފުރިހަމަ ހުނަރާއި ހޯދި މި ފުރުޞަތަކީ ކުޅިވަރުގައި އިންސާފުކުރުމުގެ ދާއިރާއިން ދިވެހި އަންހެނުންނަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
އަދި މިއީ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތްތަކުގައި ދިވެހި އޮފިޝަލުންގެ ދައުރު ފުޅާވަމުން އަންނަކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބެލުމުގެ ދަށުން މުޅި އޭޝިއާ ސަރަޙައްދުގައި ބީޗް ވޮލީ ފުޅާވަމުން އަންނައިރު، ކުޅުންތެރިންނާއި އޮފިޝަލުން ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް އަންނަނީ ފަހިކޮށްދެމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists