ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިކަން އިއުލާން ކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ފެނަކަ ރަނގަޅުކޮށް އެތަން ހިންގުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރޭވެނެ ކަމެއް ނޫން ކަމަށް ފަންނީ ބޭފުޅުން ވިދާޅުވަނީ. އެހެންވީމާ ސަރުކާރުން މިކަމާ ބެހޭގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކުރުމަށްފަހު، މިހާރު ނިންމާފައި މިވަނީ… ކުރިންވެސް އަޅުގަނޑުމެން ނިންމި ނިންމުމެއް. މިހާރު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީޏަ މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން.. މި ޕްރޮސެސް ނިމުނީމާ. ފެނަކައިގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް މުޅިން ބަދަލުކުރެވި، ފެނަކަ އުވާލެވިގެންދާނެ.
ރައީސް މުޢިއްޒު
ރައީސް އިތުރަށް އެމްޓީސީސީއާ އާރްޑީސީއަކީ އެއް ކަހަލަ މަސައްކަތެއް ކުރާ ދެކުންފުނި ކަމަށެވެ. އެހެންކަމުން، އާރްޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޑުބްލިކޭޝަމް ވަރަށް ގިނަ. ޚަރަދު ވަރަށް ގިނަ. އެފިޝިއަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށް މި ބަދަލު މި ގެންނަނީ. އެހެންވީމާ އާރްޑީސީ އުވާލެވި، އެމްޓީސީސީއާ އެއްކުރެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި، ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނީ.
ރައީސް މުޢިއްޒު
ރައީސް މުޢިއްޒު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ކުންފުނިތައް ރައިޓް ސައިޒްކޮށް، އެ ކުންފުނި ތަކުން، އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists