އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާން ކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެމްޑަބްލިޔުއެސްސީގެ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކާފައިވާ ކަމަށާ، އެ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެއީ ރައްޔިތުންނަށް ޚިދުމަތްދިނުމަށާއި، އެމްޑަބްލިޔުއެސްސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންވީމާ ބޭރު ކުންފުންޏަކަށް ވިއްކާލާފައި އޮތް 20 ޕަސެންޓްގެ ހިއްސާ ގަނެ، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތް މިހާރު ވަނީ ފެށިފައި
ރައީސް މުޢިއްޒު
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިރާގުގައި ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ ޝެއާ ބޭރު ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ.
ދިރާގުގެ ޝެއާ 51 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގްތިޞާދު އިތުރަށް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަމެއް. އެހެންވީމާ ދިރާގުގެ ސަރުކާރުގެ ވިއްކާލި ޝެއާ ހޯދައި، މެޖޯރިޓީ ކޮންޓްރޯލް 51 އިންސައްތައަށް ބޮޑު ކުރުމުގެ މަސައްކަތް މިވަނީ ފެށިފައި.
ރައީސް މުޢިއްޒު
ދިރާގުގެ މިހާރު އޮންނަނީ ސަރުކާރުގެ %41.8 އެވެ. ދެން ދިރާގުގައި ދެން ހިއްސާ އޮންނަނީ، ބަހުރައިންގެ، ބިޔޯންގެ %52 ހިއްސާ އާއި އާންމު ރައްޔިތުންގެ %6.2 ހިއްސާއެވެ.
އަދި އެމްޑަބްލިއުއެސްސީގައި މިހާރު އޮންނަނީ ސަރުކާރުގެ %80 ހިއްސާ އެވެ. ބާކީ %20 ހިއްސާ އޮންނަނީ ޖަޕާންގެ ހިޓާޗީ ކުންފުނީގެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists