ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
ރާއްޖޭގައި ހިނގާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާވެފައި، އަދި ސިޔާސީ ބޭނުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ނެތް ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށްވާއިރު، މި ދަނޑިވަޅުގައި ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ބޮޑު ޚަރަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ދިރާގުގައި ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި، ބޭރުގެ ކުންފުންޏަކަށް އޭގެ ބޮޑުބައި ވިއްކާލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައެވެ.
އެކަން ފާހަގަކުރައްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަށް ނިންމަވާފައިވާކަން ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިރާގުގެ ޝެއާ 51 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށާއި، ރާއްޖޭގެ އިގްތިޞާދު އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ސަރުކާރުން ވިއްކާލި ދިރާގުގެ ޝެއާ އަނބުރާ ހޯދައި، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް (51 އިންސައްތަ) ސަރުކާރަށް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިރާގުގެ ހިއްސާ މިހާރު ބެހިގެންވާ ގޮތަށް ބަލާއިރު، ސަރުކާރުގެ ހިއްސާއަކީ 41.8 އިންސައްތައެވެ. ދެން މި ކުންފުނީގައި އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ބަހުރައިންގެ ކުންފުންޏެއް ކަމަށްވާ "ބިޔޯން" އެވެ. އެ ކުންފުނީގެ 52 އިންސައްތަ ހިއްސާ އޮންނައިރު، ބާކީ 6.2 އިންސައްތަ ހިއްސާ އަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists