ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓަމުން ގެންދާ އެޕާޓްމަންޓް އިމާރާތްތަކުގެ ބެލްކަންޏާއި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެޗްޑީސީގެ އިސްނެގުމުގެ ދަށުން މިއަދު ވަނީ ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ނުވަތަ ރައްކާތެރިކަމުގެ ޖާލި ހަރުކޮށްދީފައެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ މިއީ އެ ތަންތަނުގައި ދިރިއުޅޭ ޢާއިލާތަކަށާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ހުޅުމާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނާއި، ޚާއްޞަކޮށް އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި މިފަދަ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists