އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ 31 ވަނަ މެޗުގައި ބައްދަލުކުރީ ވޮރިއާޒް އަދި ބްލޭޒް އެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ މޮޅު ކުޅުމެއް ދެއްކި ވޮރިއާޒް ޓީމެވެ. މެޗުގެ ފުރަތަމަ ސެޓު 18-05 އިން ވޮރިއާޒް ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 18-08 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވޮރިއާޒް ޓީމުގެ ޖާޒީ ނަންބަރު 9، ފާތިމަތު ޝާރަތު އެވެ.
މުބާރާތުގެ 32 ވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސްކާލެޓް އިން ވަނީ މަހިބަދޫ ކައުންސިލް (ބްލިސް) ގެ މައްޗަށް ކުރި ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 19-17 އިން ސްކާލެޓް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 18-14 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްކާލެޓް ޓީމުގެ ޖާޒީ ނަންބަރު 14، މަރިޔަމް ހުމައިޝާ އެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ޕޮއިންޓް ޓޭބަލް ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު:
ގްރޫޕް އޭ: އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕުގެ އެއްވަނަ ހޯދީ ވޮރިއާޒް ޓީމެވެ. މި ގްރޫޕުގެ ދެވަނަ ލިބުނީ އދ. އޭއީސީ އަށެވެ.
ގްރޫޕް ބީ: އެއްވެސް މެޗަކުން ބަލިނުވެ މި ގްރޫޕުގެ އެއްވަނަ އެލީޓް ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ވައިކިންގްސް އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިހާރު ތާވަލުކުރެވިފައިވާއިރު، ފުރަތަމަ ސެމީގައި ގްރޫޕް އޭ ގެ އެއްވަނަ ޓީމު ކަމަށްވާ ވޮރިއާޒް ނުކުންނާނީ ގްރޫޕް ބީ ގެ ދެވަނަ ޓީމު ވައިކިންގްސްއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ގްރޫޕް ބީ ގެ އެއްވަނަ އެލީޓް ވާދަކުރާނީ ގްރޫޕް އޭ ގެ ދެވަނަ ހޯދި އދ. އޭއީސީ އާއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists