އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، ހޮސްޕިޓަލް-އޭ އަދި ސްޓެލްކޯ ކޭ-38 އިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މުބާރާތުގެ 33 ވަނަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލް-އޭ އަދި އެލް.ޖީ.އޭ އަތޮޅު ކައުންސިލް ގޮތްޕެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ހޮސްޕިޓަލް-އޭ ޓީމެވެ. މި މެޗުގެ ސެޓުތައް ހޮސްޕިޓަލް-އޭ އިން ގެންދިޔައީ 25-13 އަދި 25-18 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހޮސްޕިޓަލް-އޭ ޓީމުގެ ޖާޒީ ނަންބަރު 8، ޢަލީ ޝާލިމް އެވެ.
މުބާރާތުގެ 34 ވަނަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ ކޭ-38 އަދި ފެނަކަ އެވެ. މި މެޗުވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ މޮޅު ކުޅުމެއް ދެއްކި ސްޓެލްކޯ ކޭ-38 ޓީމެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-08 އަދި 25-14 ގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ސްޓެލްކޯ ކޭ-38 ގެ ޖާޒީ ނަންބަރު 10، ޢަބްދުލް ބާސިތު އެވެ.
މި މެޗުތަކަށްފަހު މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ ތަރުތީބަށް ބަލާއިރު، ގްރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލް-އޭ ޓީމެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޯޑް އެސްއެސްއޭ އެވެ.
ހަމައެއާއެކު، ގްރޫޕް ބީގެ އެއްވަނައިގައި އެއްވެސް މެޗަކުން ބަލިނުވެ ސްޓެލްކޯ ކޭ-38 އޮތްއިރު، މި ގްރޫޕުގެ ދެވަނައިގައި އޮތީ ފެނަކަ ޓީމެވެ. ފެނަކަ ޓީމު މިހާތަނަށް މުބާރާތުގައި ބަލިވެފައިވަނީ ހަމައެކަނި ސްޓެލްކޯ ކޭ-38 އަތުން ކުޅުނު މި މެޗުންނެވެ.
މަހިބަދޫގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފޯރި މިހާރު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists