ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ ދަރިވަރުން މަތީ ސާނަވީއަށް ކިޔެވުމުގެ ސްޓްރީމް ކަނޑައެޅުމާއި، ތަޢުލީމީ ރޮނގުން ކުރިއަށްދާނެ ދާއިރާތަކާއި، މުސްތަޤުބަލުގެ ވަޒީފާތަކާ ގުޅޭގޮތުން ހޭލުންތެރި އަދި ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ސެޝަނެކެވެ.
އެމްއެންޔޫގެ ކެރިއަރ ގައިޑެންސް ދާއިރާގެ ތަޖުރިބާކާރުން ނަންގަވައިދެއްވި މި ސެޝަންގައި، ދަރިވަރުންގެ ޝައުޤުވެރިކަމާއި ޤާބިލުކަމާ ގުޅޭ ތަޢުލީމީ ދާއިރާތައް ދެނެގަންނާނެ ގޮތްތަކާއި، ސްޓްރީމް ޚިޔާރުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ. އަދި އިންޓަރެކްޓިވް މަޝްވަރާތަކުގެ ތެރެއިން، ތަޢުލީމީ ޚިޔާރުތަކާއި، ހުނަރު ތަރައްޤީކުރުމާއި، މުސްތަޤުބަލުގެ ވަޒީފާގެ ފުރުޞަތުތަކާ ދެމެދު އޮތް ގުޅުން ދަރިވަރުންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. މީގެއިތުރުން ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަނެ، އެކި ދާއިރާތަކުން ކުރިއަށްދެވެން ހުރި ފުރުޞަތުތައް ދެނެގަތުމަށް މި ސެޝަނުން ބާރުއަޅާފައިވެއެވެ.
އެމްއެންޔޫ އިން ޖަމާލުއްދީން ސްކޫލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތަކީ ސާނަވީ ތަޢުލީމުގެ މުހިންމު މަރުޙަލާތަކުގައި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން، ސާނަވީ ތަޢުލީމުން މަތީ ތަޢުލީމަށާއި ވަޒީފާގެ މާޙައުލަށް ދަރިވަރުން ބަދަލުވުމުގެ މަރުޙަލާ ހަރުދަނާކުރުމަށް އެމްއެންޔޫ އިން އަމާޒުހިފައެވެ.
މި އިސްނެގުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ (އެސްޑީޖީސް) ވެސް ގުޅިފައިވާ ކަމެކެވެ. އެގޮތުން، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމާ ގުޅޭ ލަނޑުދަނޑި 4 އާއި، އެކަށީގެންވާ ވަޒީފާއާއި އިޤްތިޞާދީ ކުރިއެރުމާ ގުޅޭ ލަނޑުދަނޑި 8 ހާސިލުކުރުމަށް މި ސެޝަނުން އެހީތެރިވެދެއެވެ. އަދި ހަމަހަމަކަން ޤާއިމުކުރުމާ ގުޅޭ ލަނޑުދަނޑި 10 ގެ އިތުރުން، ތަޢުލީމީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅާ ލަނޑުދަނޑި 17 ހާސިލުކުރުމަށްވެސް މިފަދަ ޙަރަކާތްތަކުން މަގުފަހިވެއެވެ.
އެމްއެންޔޫ އިން ބުނިގޮތުގައި، ސްކޫލްތަކާއި މުޖުތަމަޢާ ގުޅިގެން މިފަދަ ޙަރަކާތްތައް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ބޭނުންވާ މަޢުލޫމާތާއި، އިތުބާރާއި، އިރުޝާދު ފޯރުކޮށްދީ، އެކުދިންގެ މުސްތަޤުބަލު އުޖާލާކުރުމަށް ބޭނުންވާ ބާރުވެރިކަން ހޯދައިދިނުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists