ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކަމާބެހޭ ޓާސްކްފޯހުގެ ހޮޓްލައިނަށް ލިބިފައިވާ މެސެޖުތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މިފަދަ މުޢާމަލާތްތައް ހިންގާ ބިދޭސީ 27 މީހެއްގެ މަޢުލޫމާތު ހިމެނޭ ކަމަށެވެ. މީގެއިތުރުން، އެއްވެސް ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ހިންގަމުންދިޔަ 18 ތަނެއްގެ މަޢުލޫމާތާއި، ޤަވާއިދާ ޚިލާފަށް ބޮޑު އަގުގައި އެ ވިޔަފާރި ކުރަމުންދިޔަ 4 ތަނެއްގެ މަޢުލޫމާތު ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
މި މައްސަލަތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުން ބުނީ ރިޕޯޓުކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި މިހާތަނަށް އެއް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެން ފަރާތްތަކުގެ މަޢުލޫމާތުތައް އިތުރަށް ކަށަވަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މިހާރު ވެސް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists