ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 8 އެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ކުރިމަގުގައި ކިޔަވާނެ ދާއިރާތައް އިޚްތިޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ކުރިއަށްދިޔަ މި ސެޝަނަކީ ދަރިވަރުން އޯ-ލެވެލް ނިންމުމަށްފަހު ކުރިއަށްދާނެ ސްޓްރީމްތައް އިޚްތިޔާރުކުރުމުގައި ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުމަށް ބޭއްވި ސެޝަނެކެވެ. މި ސެޝަނުގައި ދަރިވަރުންގެ ޝައުޤުވެރިކަމާއި، ހުނަރާއި، އަދި މުސްތަޤުބަލުގައި ބޭނުންވާ ވަޒީފާގެ ދާއިރާތަކަށް ރިޢާޔަތްކޮށް ގޮތް ނިންމުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ސެޝަނުގެ ތެރެއިން..
ދަރުމަވަންތަ ސްކޫލުގެ 56 ދަރިވަރުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ އެމް.އެން.ޔޫގެ ތަފާތު ތިން ފެކަލްޓީއެއްގެ ލެކްޗަރާއިންނެވެ. އޭގެ ތެރޭގައި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ބިޒްނަސް ސްކޫލުގެ މުދައްރިސުން ހިމެނެއެވެ. މި ބޭފުޅުން ވަނީ އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވަޒީފާގެ މައިދާނުގައި ހުރި ކުރިއެރުންތަކާ ގުޅޭގޮތުން ދަރިވަރުންނާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކަމަށްވާ ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެމް.އެން.ޔޫ އިން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ. އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists