އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޓެލްކޯ ކޭ-38 ޓީމުން ޗެމްޕިއަންކަން ހޯދީ ހޮސްޕިޓަލް އޭ ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 19-25 އިން ސްޓެލްކޯ ކޭ-38 ޓީމު ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 11-25 ގެ ބޮޑު ތަފާތަކުންނެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ތިންވަނަ ސެޓު 18-25 އިން ކާމިޔާބުކޮށް އެ ޓީމުން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޓެލްކޯ ކޭ-38 ޓީމުގެ ޖާޒީ ނަންބަރު 14 އަޒުހާން ފައްޔާޒެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:
އަބްދުލް ބާޝިތު (ސްޓެލްކޯ ކޭ-38)
އަލީ ސާލިމް (ހޮސްޕިޓަލް އޭ)
އަހުމަދު އަމީން (ރޯޑް އެސްއެސްއޭ)
ހުސައިން ރަޝީދު (ސްޓެލްކޯ ކޭ-38)
މުހައްމަދު ޖަޒީލް (ހޮސްޕިޓަލް އޭ)
މުހައްމަދު މުޒައްފަރު (ސްޓެލްކޯ ކޭ-38)
މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ބަދަހިކުރުމުގެ މަގްސަދުގައި ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން މި މުބާރާތް އިންތިޒާމުކޮށްގެން ބާއްވާ މިއީ 3 ވަނަ އަހަރެވެ.
ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް، މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ކުރިއަށްގެންދިޔައިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ. މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists