ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
ފީފާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މަނީ ލޯންޑްރިންގ އާއި ޚިޔާނާތް އަދި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން ވަގުތީ ސަސްޕެންޝަނެއްގައި ހުރި ބައްސާމް އުމުރަށް ސަސްޕެންޑް ކުރުމުގެ އިތުރުން، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރު އިން ވަނީ ޖޫރިމަނާކޮށްފައެވެ.
ފީފާގެ ފަންޑު އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ކޮވިޑް ރިލީފް ފަންޑުގެ ފައިސާއިން އެޕާޓްމަންޓެއް ގަތް މައްސަލައިގައި ރާއްޖޭގެ ކޯޓުތަކުން ބައްސާމްގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މީގެއިތުރުން، އެފްއޭއެމްގެ ކުރީގެ ފައިނޭންސް އަދި އެޑްމިނިސްޓްރޭޝަން ޑިރެކްޓަރ މުހައްމަދު އަގީލް ވެސް 10 އަހަރަށް ސަސްޕެންޑް ކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދިނުމާއި، ސައްހަނޫން ލިޔެކިޔުން ބޭނުންކުރުމުގެ އިތުރުން ފީފާގެ އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އަގީލް ވަނީ އެއްލައްކަ ސްވިސް ފްރޭންކުން ޖޫރިމަނާ ވެސް ކޮށްފައެވެ.
މި ނިންމުމުގެ އިތުރުން، މޮންޓްސެރާޓް ފުޓްބޯލް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ކުރީގެ ރައީސް ވިންސެންޓް ކެސެލް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި އުމުރަށް ސަސްޕެންޑްކޮށް އެއް މިލިއަން ސްވިސް ފްރޭންކުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޓެންޑިކާ ހިއުސް 15 އަހަރަށް ސަސްޕެންޑްކޮށް، 1.8 ލައްކަ ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists