ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
ފަސް މިލިމީޓަރަށް ވުރެ ކުދި މި ޕްލާސްޓިކް އެތިކޮޅުތަކަކީ ނޭވާލުމުގެ ތެރެއިން ނުވަތަ ކާބޯތަކެތީގެ ތެރެއިން އިންސާނާގެ ހަށިގަނޑަށް އެތެރެވާ އެއްޗެކެވެ. މީގެ ކުރިން މިފަދަ ޕްލާސްޓިކްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ސާފު ހެކިތަކެއް ލިބިފައި ނުވި ނަމަވެސް، މަޝްހޫރު "ޔޫރަޕިއަން ހާޓް ޖާނަލް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ވަނީ މުހިންމު ކަންތައްތަކެއް ހާމަވެފައެވެ.
އިޓަލީގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދި 61 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި، ބައިވެރިންގެ ހިތަށާއި ގުނަވަންތަކަށް ލޭ ފޯރުކޮށްދޭ ހޮޅިތަކުން ވަކިން ލޭގެ ސާމްޕަލް ނަގައި، އެމީހުން ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވާ މިންވަރު ވަނީ ބަލާފައެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، ސްޓެމީ ހާޓް އެޓޭކް ޖެހުނު މީހުންގެ 84 އިންސައްތަ މީހުންގެ ލޭގެ ސާމްޕަލްތަކުން މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ފެނިފައިވެއެވެ. އަދި އެމީހުންގެ ލޭގައި އެކުލެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ގިނަކަން ފާހަގަކުރެވުނެވެ. މިއާ ޚިލާފަށް، ހިތުގެ އެހެން ބަލިތައް ހުންނަ މީހުންގެ 40 އިންސައްތަ އަދި ދުޅަހެޔޮ ލޭހޮޅިތައް ހުރި މީހުންގެ ތެރެއިން މައިކްރޯޕްލާސްޓިކް ފެނުނީ އެންމެ 32 އިންސައްތަ މީހުންގެ ގައިންނެވެ.
މީގެއިތުރުން، ގިނަ އަދަދަކަށް މައިކްރޯޕްލާސްޓިކް ހުރި ލޭގެ ސާމްޕަލްތަކުގައި، ހަށިގަނޑުގައި އިންފްލެމޭޝަން ނުވަތަ ދުޅަވުން އުފައްދާ މާއްދާތަކެއް ކަމަށްވާ "ޓީއެންއެފް-އަލްފާ" އަދި "އިންޓަލޫކިން-6" ގެ މިންވަރު ވެސް މަތިވެފައިވާ ކަމަށް ރިސާޗަރުން ބުނެފައިވެއެވެ.
ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން، ވައި ތަޣައްޔަރުވެފައިވާ މާހައުލުތަކުގައި ދިރިއުޅޭ ދުންފަތުގެ އިސްތިއުމާލުކުރާ ހުރިހާ އެންމެންގެ ލެއިން ޕްލާސްޓިކް ފެނިފައިވާއިރު، ވައި ސާފު މާހައުލުގައި ދިރިއުޅޭ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ތެރެއިން މި މާއްދާ ފެނިފައިވަނީ އެންމެ 12.5 އިންސައްތަ މީހުންގެ ގައިންނެވެ.
ދިރާސާކުރި ޓީމުގެ އިސްވެރިޔާ ފާހަގަކުރެއްވި ގޮތުގައި، މި ހޯދުންތަކުން ތިމާވެށީގެ ނުސާފުކަމާއި، ލޭގައި ހުންނަ މައިކްރޯޕްލާސްޓިކާއި، ހިތުގެ ބަލިތަކާ ދެމެދު ގުޅުމެއް ވާކަން އެނގިގެންދެއެވެ. ނަމަވެސް، މިއީ ހާޓް އެޓޭކް ޖެހެނީ ސީދާ މައިކްރޯޕްލާސްޓިކްގެ ސަބަބުން ކަން ކަށަވަރުކޮށްދޭ ހެއްކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists