ހުސްވި އޮގަސްޓްމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާކަމަށެވެ އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ. ނަމަވެސް ހަމަ އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 221.9 މިލިއަން ޑޮލަރުން %9.6 ދަށަށް ގޮސްފައިވެއެވެ.
ބޭނުންކުރެވޭ ރިޒާވް ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަނީ އެ އިދާރާއަށް ބޭރު ފައިސާ ވަން މިންވަރަށްވުރެ ވިއްކި މިންވަރު އިތުރުވުމެވެ. ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު ފުޅާކޮށް ބާޒާރަށް ލުޔެއް ގެނެސްދިނުމުގެ ގޮތުން ބޭންކުތަކަށް ޑޮލަރު ވިއްކި މިންވަރު ޖުލައިއާ އަޅައިބަލާއިރު %13.8 އިން ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން މީރާ މެދުވެރިކޮށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެމްއެމްއޭއަށް ވަން ބޭރު ފައިސާ ޖުލައި މަހާ އަޅައިބަލާއިރު %14.3 ދަށްވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޮަގަސްޓްމަސް ނިމުނުއިރު ރަސްމީ ރިޒާވް އިތުރުވެފައިވާއިރު، ބޭރުފައިސާގެ މުއާމަލާތްތައް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists