އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނުގެ ދަށުން މާލެ ސަރަހައްދުގެ ޓްރެފިކާއި ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ވެރިޔަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއު އައްޔަންކޮށްފިއެވެ.
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ. މި އޮފީހަށް ލިބޭ އެންމެ ފާހަގަކޮށްލެވޭ ބާރަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ކޯޓާ ނިޒާމެއް ތަޢާރަފުކުރުމެވެ. އެ ނިޒާމުގެ ދަށުން އައު އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ ނައްތައިލާ އުޅަނދުގެ 30 އިންސައްތައަށް ވުރެ ގިނަ ނުވާ ޢަދަދަކަށެވެ.
ޓްރެފިކާއި ތޮއްޖެހުމަށް ޙައްލު ހޯދުމުގެ ސިޔާސަތު ކަނޑައެޅުމާއި މަގުތައް ރޭވުމާއި ތަރައްޤީ ކުރުމާއި ޕާކު ކުރުމުގެ ނިޒާމު ކަނޑައެޅުމާއި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާއި އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ޤާއިމުކުރުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން މާލޭގެ އާބާދީ އިތުރުވާ މިންވަރަށް ރިޢާޔަތްކޮށް މޮބިލިޓީ ރިފޯމް ޕްލޭނެއް އެކުލަވައިލުމާއި ބޭނުންވެއްޖެ ނަމަ މަގުތަކާއި ގޯޅިތައް އަލުން ރީސްޓްރަކްޗާ ކުރުން ވެސް އެ ޕްލޭނުގައި ހިމެނޭ ގޮތަށް ރާވަން ޖެހެއެވެ.
މާލެ ސަރަހައްދުގައި ގިނަވެގެން ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ ޢަދަދު ކަނޑައެޅުމަކީ ވެސް މި އޮފީހުން ކުރަން ޖެހޭ ކަމެކެވެ. ޤާނޫނު ބުނާ ގޮތުން އެ ޢަދަދު ކަނޑައެޅުމަށް ލިބޭ މުހުލަތަކީ ޤާނޫނަށް ޢަމަލުކުރަން ފެށީއްސުރެ ހަ މަސް ދުވަހެވެ. އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނުގައި މާލެ ސަރަހައްދަށް ޚާއްޞަ ސަންސެޓް ބާބެއް ހިމަނައިފައިވާއިރު އެ ބާބަށް ޢަމަލުކުރެވޭނީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists