ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރައްވާ ސަފީރުންނާއި މިޝަންތަކުގެ އިސް ބޭފުޅުންނާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސަފީރުންނާ ވަޒީރު މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ "އެންމެ ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތު ތަންފީޒުކުރެއްވުމުގައި ބޭރުގައި ޤާއިމުވެ ތިއްބެވި މިޝަންތަކުގެ ދައުރު ނުހަނު މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، އެ ސިޔާސަތުގެ ދަށުން ރާއްޖެއަށް އިޙްތިރާމްކޮށް ދިވެހި ރައްޔިތުންގެ މަސްލަޙަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކޮންމެ ޤައުމަކާއި ޖަމްޢިއްޔާއަކާ އެކު ރާއްޖެއިން ގުޅުން ބަދަހިކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ބައިނަލްއަޤުވާމީ ފެންވަރުގައި ޕްރޮމޯޓުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ވެސް ވަޒީރު ސަފީރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ތަފާތު ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކަށް އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން ސަފީރުން ހުންނެވި ޤައުމާ އެކު ގުޅުން ވަރުގަދަކޮށް ރާއްޖެއަށް ފައިދާހުރި ފުރުޞަތުތައް ހޯއްދެވުމަށާއި އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންނަށް ކޮންސިއުލާ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރެއްވުމަށް ސަފީރުންނާ އެކު ކުރިއަށް ގެންދަވާ މަޝްވަރާ ސިލްސިލާގެ ބައެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists