އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ އަކީ ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަންސަވީސް އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ފުރުއްވީ ރައީސް ވަހީދުގެ ވެރިކަމުގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
ޑރ މުހައްމަދު އަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މަރްޙޫމް ޑރ މުޙައްމަދު އަލީއަކީ އިޖްތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، އިލްމީ ދިރާސާތައް ކުރެއްވި، ހުލްގް ހެޔޮ، ދީންވެރި ނަމޫނާ ޝަހްސިއްޔަތެއް ކަމުގައި ވިދާޅުވި އެވެ.
އަދި އެއީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ގަދަރުވެރި ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
"މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާކުރަން," ރައީސް މެސެޖުގައި ލިޔުއްވާފައިވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists