ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ ވީޑިއޯގައި މިނިސްޓަރު ވިދާޅުވީ، ދާދިފަހުން ސަރުކާރުން ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނާއެކު، މިހާތަނަށް މި ސަރުކާރުން މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. މިއީ ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައި ހުރި ބޮޑެތި ލޯނުތަކެއްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، މި ލޯނުތައް ދެއްކުމާއެކު ރަހުނުކޮށްފައި ހުރި ރައްޔިތުންގެ އެތައް ހަރުމުދަލެއް ވެސް މިހާރު ސަލާމަތްކޮށްދެވިފައިވާ ކަމަށެވެ.
އަދި ބޮޑެތި އަދަދުތަކުން ލޯނުތައް ދައްކަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ އެހެން ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، އިޤްތިޞާދު ރަނގަޅުކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ޤައުމު ބަނގުރޫޓު ނުވެގެން އުޅޭ މަންޒަރު ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަޅުގަނޑު ކަންބޮޑު މިވަނީ އަދިވެސް ގަވަރުމެންޓު ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ. ދެން ހަމަ މިގޮތަށް މި ބައެއް ނޫސްތަކުން އިނގިރޭސި ބަހުން އެބަ ދިޔޭ. ރާއްޖޭގެ ފަތުރުވެރިން ނާންނާނެހެން ހީވާ ހުރިހާ ކަންތައްތަކެއް ހަމަ ހައިލައިޓް ކޮށްލާފަވެސް އެބަ ދިޔޭ. އަދި މިވާހަކަތައް ވަރަށް ފޯރީގަ އަޅުގަނޑުމެންނަށް ވާދަވެރި ބައިވަރު ފަރާތްތަކުން އެބަ ދައްކާ.
ރާއްޖޭގައި އިންވެސްޓް ނުކުރުމަށާއި، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ބާރުއަޅައި ދައްކާ ވާހަކަތަކުގެ ސަބަބުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، އޭގެ ސަބަބުން ލިބޭ ގެއްލުމާއި ދެރަ ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ އެއްވެސް ޑިމޮކްރެސީއެއްގައި ސިޔާސީ ވާދަވެރިން ވެސް ކުރާ ޒާތުގެ ކަންކަން ނޫން ކަމަށާއި، އެހެން ޤައުމުތަކުގައި ޚިޔާލު ތަފާތުވި ނަމަވެސް ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭ ކަންކަމުގައި އެއްބާރުލުން ދޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ މީގެކުރިން އެއްވެސް ރައީސަކު ކުރައްވާފައި ނުވާފަދަ ބުރަ އަދި ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ރެޔާއި ދުވާލު ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި ދަތި ދުވަސްވަރުގައި ޑޮލަރުގެ މައްސަލައަށް ވެސް ހައްލު ލިބި، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists