ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަޤާމަށް ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހު މުޙައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ޓީމުގެ ހެޑް ކޯޗު، ހަންގޭރީގެ އިސްތަވާން އުރުބާނީ ވަނީ ސޮބާހު އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
މީގެ ކުރިން އުރުބާނީ ޤައުމީ ޓީމުގެ ކޯޗުކަމުގައި ހުރި ދުވަސްވަރު ސޮބާހު ވަނީ އޭނާގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމަށް ކުޅެފައެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ދާއިރާއަށް ނިކުތް ސޮބާހަކީ މިހާރުވެސް މި ދާއިރާއިން ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. މީގެ އިތުރުން ރާއްޖޭގެ ޒުވާން ޤައުމީ ޓީމާއެކުވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހު ވަރުގަދަ ޗައިނާއާ ދެކޮޅަށް ރާއްޖެ ނިކުންނަން ތައްޔާރުވަމުން އަންނައިރު، އޭގެ ފަހުން ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists