ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ. ޖަރުމަނުން ހޮސްޕިޓަލްތައް ހަނގުރާމައަކަށް ތައްޔާރުކުރަމުންދާއިރު ލިތުއޭނިއާއިން ވަނީ އެ ޤައުމުގެ އިވެކުއޭޝަން ޕްލޭންތައް އަދާހަމަކޮށްފައެވެ. ބެލްޓިކް ސަރަޙައްދުގައި ނޭޓޯ ސިފައިން ތަމްރީނުތައް ހިންގަމުންދާއިރު ބެލެރޫސް ސިފައިން ލިތުއޭނިއާ ކައިރީ ބޮޑެތި ފަރިތަކުރުންތައް ބާއްވާފައިވެއެވެ.
ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ޔޫކްރެއިނާއި އީރާނާއި ހަކަތައިގެ ދަތިކަމާ ގުޅޭ ގޮތުން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހު ބާއްވަވައި ޓަސްކްގެ އިންޒާރުތަކަކީ ޞައްޙަ އަދި ރަނގަޅަށް ލިޔެކިއުންތަކުން ބާރުލިބޭ އިންޒާރުތަކެއް ކަމަށް ވިދާޅުވެފައެވެ. މެކްރޯން ވިދާޅުވީ ފާއިތުވި ހަފުތާތަކުގައި ޔޫރަޕާއި ފަރަންސޭސިވިލާތަށް ރަޝިޔާގެ ހައިބްރިޑް ނުރައްކާ ވަރުގަދަވެފައިވާ ކަމަށެވެ.
ނެދަލެންޑުގެ ބޮޑުވަޒީރު ރޮބް ޔެޓެން ހުކުރު ދުވަހު ވިދާޅުވީ ޕޮލެންޑުގެ ބޮޑުވަޒީރު އެހާ ވަރުގަދައަށް ވާހަކަ ދައްކަނީ ސަބަބެއް ނެތިއެއް ނޫން ކަމަށާއި އެ އިންޒާރު ސީރިއަސްކޮށް ނަގައި ފިޔަވަޅު އެޅުމުގެ ތައްޔާރީގައި ތިބެންޖެހޭ ކަމަށެވެ. ފިންލެންޑުގެ ރައީސް އެލެގްޒެންޑަރ ސްޓަބް ވެސް ވަވިދާޅުވެފައިވަނީ ޚަރާބުކުރުމާއި ރަޝިޔާގެ ޑްރޯންތައް ފަދަ ކަންކަމަށް ނަފުސާނީ ގޮތުން ތައްޔާރަށް ތިބުން ބުއްދިވެރި ކަމަށެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލެވްރޯވް ވިދާޅުވެފައިވަނީ ނޭޓޯ ޤައުމުތަކުން ރަޝިޔާއަށް ހަމަލާ ދޭން މަސައްކަތް ކޮށްފިނަމަ ވަރަށް ކުރު ހަނގުރާމައަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. ނޭޓޯގެ ސީނިއާ އޮފިޝަލެއް ބުނީ މި ވަގުތު ވަގުތުން ހަމަލާއެއް އަންނާނެ ކަމުގެ ނިޝާނެއް ނުފެންނަ ކަމަށާއި ނަމަވެސް "ނާއިވް ނުވެ ނޭޓޯ ވަރުގަދަކޮށް ބާއްވަންޖެހޭ" ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists