ބާބުލް މަންދަބު ކަނޑުއޮޅީގެ ނުރައްކާ ބޮޑުވަމުންދާތީ އެ ސަރަޙައްދުން ދަތުރުކުރާ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ރައްކާތެރިކުރުމަށް ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ގުއިދޯ ކްރޮސެއްތޯ ވިދާޅުވެއްޖެއެވެ.
ކްރޮސެއްތޯ ވިދާޅުވީ ކަނޑުމަގުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވެއްޖެ ނަމަ އިޤުތިޞާދަށާއި ޢާންމު ރައްޔިތުންނަށް ސީދާ ގެއްލުން ލިބިދާނެ ކަމަށެވެ. އެ ގޮތުން އިޓަލީވިލާތުގެ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމާ މެދު ޗީފް އޮފް ޑިފެންސް ސްޓާފާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަނޑުގެ ދަތުރުފަތުރަށް ބުރޫއެރުމުން މުދާ އުފުލުމުގެ ޚަރަދު މައްޗަށް ގޮސް މުދާ ލިބުން ލަސްވެ ވިޔަފާރިތަކާއި އާއިލާތަކަށް އެކަމުގެ ބުރަ އުފުލަންޖެހޭނެ ކަމަށް ކްރޮސެއްތޯ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިޤުތިޞާދީ ހީނަރުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެންމެ ބޮޑު ތަކުލީފެއް ތަޙައްމަލުކުރަންޖެހެނީ ނިކަމެތި ފަރާތްތައް ކަމަށެވެ.
އެހެންކަމުން އިދާރީ ލަސްތަކުގެ ސަބަބުން މި ޙާލަތު ގޯސްވެ ރައްޔިތުންގެ ދިރިއުޅުމަށް ގެއްލުންވާން ދޫކޮށްނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކްރޮސެއްތޯ ވަނީ ޑޭޓާ ކޭބަލްތަކާއި ހަކަތައިގެ ނިޒާމުތައް ހިމެނޭ ގޮތުން ކަނޑުއަޑީގެ ވަސީލަތްތަކަށް ވެސް ނުރައްކާ އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ކަނޑުތަކަށް ބަރޯސާވާ މިންވަރު ބޮޑު ޤައުމެއްގެ ހައިސިއްޔަތުން ކަނޑުގެ ސަތަޙައާއި ކަނޑު އަޑީގެ ވަސީލަތްތައް ހިމާޔަތްކުރުމަކީ ޤައުމުގެ ސަލާމަތާއި މުސްތަޤުބަލް ރައްކާތެރިކުރުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
ރަތް ކަނޑުގެ ދަތުރުފަތުރަށް ނުރައްކާ ބޮޑުވެގެން ދިޔައީ ބާބުލް މަންދަބު ކަނޑުއޮޅިއާ ކައިރީގައި އޮންނަ ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް އީރާނާ ގުޅުން އޮންނަ ޙޫޘީ ޖަމާޢަތުން ނެގުމާ ގުޅިގެންނެވެ. ހުރްމުޒް ކަނޑުއޮޅިން މަގު ބަދަލުކޮށްފައިވާ ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ އެކްސްޕޯޓަށް ވެސް މީގެ ސަބަބުން ނުރައްކާވެފައިވެއެވެ.
މެދުއިރުމައްޗަށް ފޮނުވާނެ އަސްކަރީ ވަސީލަތްތަކުގެ ތަފުސީލު ހާމަނުކުރެއްވި ނަމަވެސް ޤައުމީ މަޞްލަޙަތު ހިމާޔަތްކުރުމަށް ކަނޑުގެ ސިފައިން ސާބިތުކަމާ އެކު ޙަރަކާތްތެރިވާނެ ކަމަށް ކްރޮސެއްތޯ ޔަގީންކަން ދެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists