ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކަމުން ދުރަށް ވަޑައިގެން ފަހުން ސިޔާސީ ހަރަކާތްތަކުން ވެސް މިހާތަނަށް ފެނިވަޑައިގެންފައިނުވާ ޣައްސާން މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި މަހު 15-18 އަށް ބޭއްވި ޕީއެންސީ މަތީ މަޖިލިސް ފެށުނީ ކާމިޔާބީއެއް ހެން ކަަމަށާ މި މަހާސިންތާ އިންތިޒާމު ކުރެއްވި ކޮމިޓީ އަށާއި އެންމެހާ ބޭފުޅުންނަށް ހައްގު ޝުކުރާއި ތައުރީފު ރައްދުކުރާ ކަމަށް އުވާލާފައިވާ ޕީޕީއެމްގެ ނާއިބު ރައީސްކަން ވެސް ކުރެއްވި ޣައްސާން ވިދާޅުވި އެވެ.
އޭނާ ވަނީ ޕާޓީގެ އިންތިހާބުތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށާއި މަގާމުތަކާއި ހަވާލުވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.
އަދި ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީން ކާމިޔާބު ކުރުމަކީ ޤައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުން، އެކަން ކަށަވަރު ކުރުމަށް، އިސްނަންގަވައިގެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމާއި، ހިދުމަތުގައި އިހްލާސްތެރިވުމާއި، ގައުމަށް ވަފާތެރިވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުންވެސް ޕީއެންސީއަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ކުރުމަކީ، ޕާޓީގެ އެންމެހާ އާންމު މެންބަރުންގެ ހައްގުގައި، ޕާޓީގެ މަގާމުތަކާއި ހަވާލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އުފުއްލަވަންޖެހޭ ފަރުދީ މަސްއޫލިއްޔަތެއް ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު ކަމުގައި ކަނޑައަޅާ ރިޔާސީ ޓިކެޓް ވަނީ އަރުވާފަ އެވެ. ކޮންގްރެސްގެ އެއްވެސް ހަރަކާތަކުން ޣައްސާން ފެނިވަޑައިނުގަންނަވަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists