ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރު ތަރައްޤީކުރާނީ އެތަނުގައި ސައްތައިން ސައްތަ ދިވެހިން ހިއްސާ އޮންނަ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަފުށި ޕޯޓުގެ އެއްވެސް މިންވަރެއް ބޭރުގެ ކުންފުންޏަކަށް ދީ، އެފަދަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައިވާ ކަމަށް ބުނެ ކުރީގެ ބައެއް ރައީސުން ވާހަކަދައްކަވަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އަދި ޤައުމުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެތަން އޮންނާނީ ދިވެހީންގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސީ ޕޯޓް ތިލަފުށީގައި ހަދަނީ އެންމެ ޝެއަރއެއްވެސް އަދި ދަރަނީގެ މިންވަރެއްވެސް އެއްވެސް ބޭރު ގައުމަކަށް ބޭރު ކުންފުންޏަކަށް ނުދީކަމަށެވެ.
މިކަހަލަ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. އަޅުގަނޑުމެން ކަންތައްތައް ކުރާނީ ހަމަ ހަގީގަތުގަވެސް އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން، އިޚްލާސްތެރި ކަމާއެކީގައި. އަޅުގަނޑުމެން އެއްވެސް ހަރުމުދަލެއް ނުދޭނަން
ރައީސް ޑރ.މުއިއްޒު
ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ވެރިކަން ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ތާރީޚުގައިވެސް ނުދެކޭ ފަދަ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ. އެގޮތުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި އެންމެ މިލިއަނެއްހާ ޑޮލަރު އޮތްއިރު، ދައުލަތުގެ މާލިއްޔާ އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށާއި ސަރުކާރުން މަސައްކަތް ފަށަން ޖެހުނީ ސުމަކުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުން އެކަށައެޅި ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 1.342 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާޞްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި، ރަހުނުކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޑރ.މުއިއްޒު ވަނީ، ކުރީގެ ސަރުކާރުތަކުން ބޭރުގެ ފަރާތްތަކަށް ވިއްކާލާފައިވާ ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ދިވެހި ދައުލަތަށް ހޯދުމަށް ނިންމާފައިވަނީ، ދިވެހިންގެ ޤައުމީ މިނިވަންކަމާއި އިޤްތިޞާދީ ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުންކަން ފާހަގަކުރައްވާފައެވެ.
ތިލަފުށި ބައިނަލްއަޤްވާމީ ބަނދަރުގެ މަސައްކަތަކީ މި ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ އެންމެ މުހިންމު އެއް މަޝްރޫޢުއެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާއިރު، މި މަޝްރޫޢުއަށް ޖުމްލަ 250 މިލިއަން އާއި 255 މިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ހަރަދުވާނޭކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists