މާލޭ އަމީނީ މަގުގައި ތާރުގަނޑު އުފުލި ބޮޑެތި އަޑިގުޑަންތައް ހެދިފައިވާ ސަރަހައްދު މަރާމާތުކުރުމަށް މިހާރު ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީމަގުގެ ހަލާކުވެފައިވާ ސަރަހައްދުތަކުގެ މަސައްކަތް އެމްޓީސީސީ އާހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އޮންނަ ސަރަހައްދު ބަންދުކޮށް މަރާމާތުގެ ތައްޔާރީތައް ފެށީ ޖޫން މަހުގެ ފަހުކޮޅުގައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށީ ޖުލައި 2022 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެންނެވެ. ފިޔަވަހިތަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫޢުގެ ނުނިމި އޮތް ފަހު ބައި ހުޅުވީ 2024 ވަނަ އަހަރުއެވެ. އެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ނަމަވެސް މަގު ހެދިތާ ގިނަ ދުވަސް ނުވެ އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލި ދުއްވާ ފަރާތްތަކަށް ނުރައްކާ ކުރިމަތިވީއެވެ. މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. މިހާރު ކުރިއަށް ގެންދާ މަރާމާތުގެ ސަބަބުން އެ މައްސަލަތައް ހައްލުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists