ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ބަދަލު ގެނެސް އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޒާތުގެ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެ ތަކެތި އުފައްދައި ވިއްކުން އެކީ މަނާވާ ދުވަހެއް ކަމަށް ކަނޑައަޅާފައިވަނީ 2031 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހެވެ.
ކުރީގެ ސަރުކާރުން މި ބާވަތުގެ ހޮޅި އެތެރެކުރުން މަނާކުރީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. އެއަށްފަހު 2022 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި އެ ތަކެތި އުފައްދައި ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
ޕްލާސްޓިކް ހޮޅީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބޭނުމުގައި އެ ފިޔަވަޅު އެޅި ނަމަވެސް އޭގެ ބަދަލުގައި ބާޒާރުން ލިބެން ހުރި ކަރުދާސް ހޮޅީގެ ފެންވަރާ މެދު ޢާންމުންގެ ޝަކުވާތައް ދިޔައީ އިތުރުވަމުންނެވެ. އެ ވުޒާރާއިން ބުނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި އެކި ދަތިތައް ޢާންމުންނަށް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ޞިއްޙީ ކަންބޮޑުވުންތަކެއްވެސް ފެންމަތިވެފައިވާ ކަމަށެވެ.
އެހެންކަމުން ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ބަދަލެއް ބާޒާރަށް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މި މުއްދަތު 2031 އަށް ފަސްކުރީ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މި ޤަރާރާ އެކު 2031 ވަނަ އަހަރާ ހަމައަށް ޕްލާސްޓިކް ހޮޅި އެތެރެކޮށް ވިއްކުމުގެ ފުރުޞަތު ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މިއަދު ވަނީ ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists