ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނަ ދުވަހު އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާ ކަމަށް ބުނެފައެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ ކުރިން ދެ ފިޔަވައްސަކަށް ބެހިގެން ދެއްކުމަށް ފަހު އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި އެންމެ ފަހު ބައި ކަމަށްވެސް ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އެ މުޢާމަލާތަކީ ބޭންކާ ވަކިން ހިނގާފައިވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރުން ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް އެ ބޭންކުން ދީފައިވެއެވެ.
ޤައުމުގެ މާލީ ނިޒާމާ ގުޅުންހުރި ކަންކަމުގައި ޢާންމުން ސުވާލުކޮށް ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، ނަމަވެސް ބޭންކެއްގެ މާލީ ޙާލަތާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ޙަޤީޤަތްތަކުގެ މައްޗަށް ކަމަށް ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލް އިން ވަނީ ބޭންކުގެ މާލީ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ނުވަތަ ޝާއިޢުކުރުމުގެ ކުރިން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާ އެކު ޙަޤީޤަތާ ޚިލާފު ޚަބަރު ފެތުރުމުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބޭންކިން ދާއިރާ އަދި ރާއްޖޭގެ އިޤްތިޞާދަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމަށް ވެސް ބީއެމްއެލް އިން ބީއެމްއެލުން ވަނީ ބުނެފައެވެ. ބީއެމްއެލްގެ އަގު ވައްޓައިލުމަށް ނުވަތަ ބޭންކަށް ގެއްލުންވާ ގޮތަށް ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ވެސް އެ ބޭންކުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists