ޖަލަށް ލެވޭ މީހުންގެ އަދަދު ގިނަވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި މިއަދަދު އިތުރުވާނޭކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ ޙަސަން ޒަރީރު މިމޭރުމުން ވާހަކަދައްކަވާފައިވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވަނީ ޖަލު އޮފިސަރުން ތަމްރީން ކުރުމަށްވެސް މަސައްކަތްތަކެއް ކުރިއަށްގެންދާކަން ފާހަގަކުރައްވާފައެވެ. ސީޕީ ޙަސަން ޒަރީރު ވިދާޅުވީ، އޮފިސަރުންގެ ދަތިކަން ޙައްލުކުރުމަށް ދަސްވެނިވި 10 ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ޙާޞިލުކުރަމުންދާ ކަމަށެވެ. އަދި އޮފިސަރުން ތަމްރީނުކުރުމަށާއި ޤައިދީން އިޞްލާޙުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކިޔަވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރިޒަން އޮފިސަރުންގެ ހިތްވަރާއި ހީވާގި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސީޕީ ފާހަގަކުރެއްވީ، ކަރެކްޝަންސްގެ އޮފިސަރުންނަކީ ސިފައިން އަދި ފުލުހުން ފަދައިން ޤައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވެއްދުން ހުއްޓުވުމަށް އެފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު އަދި ބުރަ ޤައުމީ ވާޖިބެއް ކަމަށާއި، 55 އަހަރުވީ މި ޚިދުމަތް 2013 ގައި ޤާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްޤީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާ މިންވަރަށް އަދިވެސް ޒަމާނީ ވެފައިނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists