18 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު ފާއިތުވި 30 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މެޑިކަލް މަޖައްލާއެއް ކަމުގައިވާ ނިއުރޮލޮޖީގައި ޝާއިޢުކުރި ދިރާސާއަކުން ދައްކައިފިއެވެ.
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
މި ނުރައްކާތެރި ބަދަލު މެދުވެރިވާ މައިގަނޑު ސަބަބެއް ކަމުގައި ސައިންސްވެރިންނާއި ޞިއްޙީ މާހިރުން ފާހަގަކުރައްވަނީ ޢާންމުކޮށް ދޮށީ ޢުމުރުގެ މީހުންގެ ކިބައިން ފެންނަ ބައެއް ބަލިތައް ޒުވާނުންގެ ތެރޭގައި ވެސް ފެތުރެމުން ދިއުމެވެ.
ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައިވާ ކަން ނޭނގި ހުރުމާއި ކޮލެސްޓްރޯލް މަތިވުމާއި ހަކުރުބައްޔާއި ހަށިގަނޑު އެކަށީގެންވާ ވަރަށް ވުރެ ފަލަވުން އޭގެ ތެރޭގައި ހިމެނެއެވެ.
ގަވާއިދުން މެޑިކަލް ޗެކަޕް ހެދުމަކީ ގިނަ ޒުވާނުން ކުރާ ކަމަކަށް ނުވާތީ މިފަދަ ބައްޔެއް ހުރި ކަން ސްޓްރޯކެއް ޖެހުމާ ހަމައަށް ދާއިރު ވެސް ނޭނގި އޮންނަ ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެއެވެ. އަދި ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނުރަނގަޅު ބަދަލުތައް ވެސް މި މައްސަލަ ގޯސްވުމުގައި ދައުރެއް އަދާކުރާ ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، މިހާރުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކެށީގެންވާ މިންވަރަށް ކަސްރަތު ނުކުރުމާއި ޕްރޮސެސްޑް ފުޑް ކެއުން ފަދަ ހަށިގަނޑަށް ނުރަނގަޅު އާދަތައް ގެންގުޅުމަކީ ޒުވާނުންނަށް މިފަދަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަންތައް ތަކެއްކަން އެ ދިރާސާއިން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލާއި، ނުތަނަވަސްކަން އިތުރުވުމާއި، ނިދި މަދުވުމުން ވެސް މި ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް އެ ދިރާސާއިން ވަނީ ހާމަވެފައެވެ.
މި ނުރައްކަލުން ރައްކާތެރިވުމަށް ޞިއްޙީ މާހިރުން ލަފާ ދެއްވަނީ އަހަރަކު އެއް ފަހަރު ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމަށާއި ހަފުތާއަކު 150 މިނެޓު ކަސްރަތުކުރުމަށާއި ޞިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށެވެ.
ސްޓްރޯކެއްގެ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ވަގުތުން ހޮސްޕިޓަލަށް ދިއުމަށް ވެސް މާހިރުން އިލްތިމާސްކުރައްވައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists