ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
ހޯމަ ދުވަހު ސަޢޫދީގެ ވެރިރަށް ރިޔާޟުގައި ބޭއްވި މި ކުއްލި ބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ނިންމުމަކީ ކަނޑައެޅިފައިވާ އިންތިޒާމުތަކާއި އެ ޤައުމުތަކުގެ ޤާނޫނީ އިމުގެ ތެރެއިން، ކުރިމަތިވާ ނުރައްކާތަކަށް ޖަވާބުދާރީވުމުގެ ޤާބިލުކަން އިތުރުކުރުމަށާއި އަސްކަރީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ނިންމި ނިންމުމެކެވެ.
މި ބައްދަލުވުމުގައި އެލަޔަންސްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޕާކިސްތާނުގެ ރިޓަޔަރޑް ލެފްޓިނެންޓް ޖެނެރަލް ނަޢުމާން މަޙްމޫދު ތިން އަހަރުގެ ދައުރަކަށް ވަނީ ޢައްޔަންކުރައްވާފައެވެ. ތިން ޤައުމުންވެސް ވަނީ އޭނާއަށް މަރުޙަބާ ދަންނަވައި، އިއްތިޙާދުގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މާތްވެގެންވާ މައްކާއާއި މަދީނާއަށް އަމާޒުކޮށް ޙަމަލާދޭން ކުރި މަސައްކަތްތަކާއި، ސަޢޫދީގެ ރަށްތަކަށާއި ޢާންމު އަދި އިޤްތިޞާދީ މަރުކަޒުތަކަށް ދެމުންދާ ޙަމަލާތައް މި ބައްދަލުވުމުގައި އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ސަޢޫދީގެ ސަލާމަތާއި އިސްތިޤްލާލަށް އުނިކަން އަންނާނެ އެއްވެސް ޢަމަލެއް ބަލައިނުގަންނާނެ ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނާއި ތުރުކީވިލާތުން ވަނީ ސަޢޫދީ އަސްކަރިއްޔާއިން ދައްކުވައިދޭ ހުޝިޔާރުކަމާއި، ޤައުމުގެ ސަލާމަތް ދިފާޢުކުރުމުގައި ދައްކަމުންދާ މަތީ ފެންވަރުގެ ޤާބިލުކަމަށް ތަޢުރީފުކޮށްފައެވެ.
މި ތިން ޤައުމުން އިއްތިފާޤުވެފައިވަނީ، އެއްވެސް އެއް ޤައުމެއްގެ ސަލާމަތަކީ އަނެއް ދެ ޤައުމުގެ ވެސް ސަލާމަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މައްކާ އެއްބަސްވުން ޢަމަލީ ގޮތުން ތަންފީޛުކުރުމަކީ، ތިން ޤައުމުގެ އިސްތިޤްލާލާއި ސަރަޙައްދީ ރައްކާތެރިކަން ދިފާޢުކުރުމުގައި ސާބިތުވެ ތިބިކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށްވެސް އެ ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists