ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ ރިމާންޑް ޖަލެއްގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރު ނެރުނީ 5 އޮކްޓޫބަރު 2026 ގައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ތަޙްޤީޤީ ބަޔާނާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓްގެ އިތުރުން ކިތާބީ ހެކި ވަނީ ހުށަހަޅާފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ބަންދުގައި ބަހައްޓަން ވަނީ ނިންމާފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖެއަށް ސިއްރުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަކީ އޭނާ އަމިއްލައަށް ބޭނުންކުރުމަށް ގެނައި ތަކެތި ކަމަށް މޮހައްމަދު ޓަފެޖުލް ބުނެފައިވާ ކަމަށް ދައުލަތުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައެވެ.
ނަމަވެސް، އޭނާގެ ދިފާޢީ ވަކީލު ކޯޓުގައި ވިދާޅުވީ، އޭނާ ރާއްޖެ ގެނައި ތަކެއްޗަކީ އާންމުކޮށް ބޭނުންކުރާ، އަދި އިންޑިއާގައި ވެސް ޢާންމުކޮށް ވިއްކަން ހުންނަ އެއްޗެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނު މަނާކުރާ މަސްތުވާތަކެތީގެ ބާވަތަކަށް ފެތޭ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށް ބުނެ، އޭނާ ބަންދުން ދޫކޮށްލުމަށް ވަކީލު ވަނީ އެދިފައެވެ.
އޭނާ ގެނައީ ކޮންބާވަތެއްގެ، ކިހާ ބަރުދަނެއްހުރި މަސްތުވާތަކެތި ކަމެއް އަމުރުގައި ބުނެފައެއް ނެތެވެ.
އެހެންނަމަވެސް، މައްސަލައިގެ ކުޑަބޮޑުމިނަށާއި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރައްވައި ޤާޟީ މުޙައްމަދު މިޞްބާޙް ނިންމެވީ މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists