ޔުއެފާ ނޭޝަންސް ލީގްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ފަހަތުން އަރައި ފްރާންސުން ކާމިޔާބުކޮށްފިއެވެ.
މިމެޗް ފަރާންސުން ކާމިޔާބުކުރީ ބެލްޖިއަމުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗްގެ ކުރީކޮޅު ބެލްޖިއަމް އިން ވަނީ މޮޅު ކުޅުމެއް ދައްކައި ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބެލްޖިއަމްގެ ރޮމެއޯ ލާވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޯޑީ ލޫކެބާކިއޯ ވަނީ ލަނޑެއް ޖަހައި ބެލްޖިއަމަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފް ނިމުނީ ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
މެޗްގައި ފްރާންސުން އެއްވަރުކުރީ 77 ވަނަ މިނެޓް ތެރޭގައި ޒުވާން ކުޅުންތެރިޔާ ޑެސިރޭ ޑޫއޭ އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަޔާން ޗެރްކީ ވަނީ ލަނޑެއް ޖަހައި ފްރާންސަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މި މެޗްގައިވެސް އޮލިސޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޮލިސޭ ވަނީ މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހައި ފްރާންސްގެ މޮޅު ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists