ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މިކަން ފާހަގަކުރެވިފައިވަނީ ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން ފޮނުވަމުންދާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، މީހުންނަށް އޮޅޭފަދަ ގޮތަކަށެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށެވެ. އެހެންކަމުން، ސީސޮކުން މި ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރައްކާތެރިވުމުގެ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ތަހުގީގާއި ޓެކްނިކަލް އެނަލިސިސްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި:
އީމެއިލް އަކާއެކު އަންނަ ލިންކުތަކާއި އެޓޭޗްމަންޓްތަކަކީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުވަނީސް ނުހުޅުވުން.
ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވި އީމެއިލްއެއް ކަމުގައިވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ ފޯނު ފަދަ އެހެން ޒަރީއާއަކުން އެއީ ސައްހަ އެއްޗެއްތޯ ކަށަވަރުކުރުން.
އީމެއިލްގައިވާ ލިންކަކަށް ފިތައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން.
އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން (MFA) ބޭނުންކުރުން.
ކޮމްޕިއުޓަރުގެ އޮޕަރޭޓިންގ ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން.
ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް އޮފީހުގެ އައި.ޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން.
ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް ހައްލުކުރަން އުޅުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުން.
ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި، މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ތަފުސީލުތައް ސައިބަރ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists