މ. މުލަކު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.
ދާއިމީ އެއް މަގާމަށް ހުޅުވައިލި މި ފުރުސަތުގައި ދެ ރޭންކެއް ހިމެނެއެވެ. ޕަބްލިކް ސަރވިސް ރޭންކު 5 ގައި އަސާސީ މުސާރައެއް ގޮތުގައި 11،428 ރުފިޔާ އަދި މަގާމުގެ އެލަވަންސް ގޮތުގައި 5،333 ރުފިޔާ ކަނޑައެޅިފައިވާ އިރު، ހާޒިރުވާ ކޮންމެ ދުވަހަކަށް 144 ރުފިޔާ ލިބޭނެ އެވެ.
ޕަބްލިކް ސަރވިސް ރޭންކު 7 ގައި އަސާސީ މުސާރައަކީ 13،057 ރުފިޔާ ކަމަށް ވާ އިރު، އެލަވަންސް ގޮތުގައި 6،094 ރުފިޔާ އަދި ދުވާލެއްގެ ހާޒިރީ އިނާޔަތަކީ 165 ރުފިޔާއެވެ.
ރޭންކު 5 އަށް ކުރިމަތިލާ ފަރާތުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއެއްގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި އޮންނަން ޖެހޭ އިރު، ރޭންކު 7 އަށް ބޭނުންވަނީ ލެވެލް 7 ނުވަތަ 8 ގެ ސަނަދެކެވެ.
މަގާމާ ގުޅޭ ތައުލީމީ ދާއިރާތަކުގެ ތެރޭގައި ނަރސިންގ، ނަރސިންގ އެންޑް މިޑްވައިފަރީ، ކްރިޓިކަލް ކެއަރ، އެނެސްތެޓިކް ކެއަރ އަދި ޕީޑިއާޓްރިކްސް ހިމެނެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމާއި ލިޔެކިޔުންތައް އެ މަރުކަޒަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހަޅަން އެ މަރުކަޒުން އެދެ އެވެ.
އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޫބަރާއި 16 ނޮވެމްބަރާ ދެމެދުގެ މުއްދަތެއްގައި އެ މަރުކަޒުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists