ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޤައުމީ ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތު އެކުލަވާލުމާއި، މި ދާއިރާއަށް ޚާއްޞަ ޖާމިޢު ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
މި އަމާޒުތަކަށް ވާޞިލުވުމަށްޓަކައި "ނަފްސާނީ ދުޅަހެޔޮކަމުގެ އިސްތިރާޖީ އެކްޝަން ޕްލޭން 2025-2029" ތަންފީޛުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އާންމު ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ފަރުވާ ހިމަނައި، ސަރަޙައްދީ ފެންވަރުގައާއި ޚާއްޞަ ބަލިތަކަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ޓެލެ-މެންޓަލް ހެލްތުގެ ޚިދުމަތް ފުޅާކުރުމަށާއި، ކުއްލި ޙާލަތްތަކުގައި އަވަހަށް އިޖާބަދޭ ނިޒާމުތައް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ ބަލިތަކުން ރައްކާތެރިވުމަށާއި، ކުރީބައިގައި ބަލި ދެނެގަނެ ފަރުވާ ދިނުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި ކޮންމެ މުޖުތަމަޢެއްގައި، އެކަކު އަނެކަކާ ދެކެވޭ ތެދުވެރި ވާހަކަތަކެއްގެ ތެރެއިން، އޯގާތެރި އަދި އަޅާލާ މުޖުތަމަޢެއް އޮތް ދިވެހިރާއްޖެއެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists