ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެސް، ޓެލެގްރާމު ޗެނަލުތަކާއި ގުރޫޕުތައް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ހުއްޓުމެއް ނެތި ދަނީ ފާޅުގައި ކުރިއަށެވެ.
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
މި އިސްލާހުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުން ނުވަތަ ވިއްކަން އިޝްތިހާރު ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކައިފިނަމަ، 25,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭއިރު، އެފަދަ ވިޔަފާރިއެއް އިޝްތިހާރުކޮށްފިނަމަ 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވެއެވެ. ވިޔަފާރިއެއް ނުވަތަ ގާނޫނީ ފަރާތެއް ބައިވެރިވާ ނަމަ ޖޫރިމަނާ ފަސް މިލިއަން ރުފިޔާއާ ހަމައަށް އިތުރުކުރެވޭގޮތަށް އެ ޤާނޫނުން ފުރުސަތު ލިބިދެއެވެ.
މި ގާނޫނުގައި "އިޝްތިހާރު ކުރުން" މާނަކޮށްފައިވަނީ، ޑިޖިޓަލް ވަސީލަތްތައް ނުވަތަ ޕްލެޓްފޯމުތައް މެދުވެރިކޮށް ރަސްމީ ބޭންޑުން ބޭރުގެ އަގުތައް ޝާއިއުކުރުން، ފެތުރުން ނުވަތަ ތަކުރާރުކުރުމުގެ ގޮތުގައެވެ.
ރަސްމީ ނޫން އަގުތަކުގައި ޑޮލަރު ވިއްކަމުންދާ ބައެއް ފަރާތްތައް
ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި، ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކާ ކަމުގެ ތުހުމަތުގައި މިހާތަނަށް 27 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކޮށް، އެކަކު ހައްޔަރުކޮށްފައިވެއެވެ.
ގާނޫނީ ފިޔަވަޅުތައް ހަރުކަށިކުރި ނަމަވެސް، ޓެލެގްރާމު ޕްލެޓްފޯމުގެ އެންކްރިޕްޓެޑް ޗެނަލުތަކާއި ގުރޫޕުތަކުގައި ޑޮލަރު ގަނެވިއްކުމުގެ އިޝްތިހާރުތައް ދަނީ ހުއްޓުމެއް ނެތި އާންމު ވަމުންނެވެ. ފުލުހުން އެންމެފަހުން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، މިހާރުވެސް މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު އެ އިދާރާގައި އެބައޮތެވެ.
ޓެލެގްރާމުގެ ބައެއް ޗެނެލުތަކުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ބައެއް ފަރާތްތަކުން މިހާުރުވެސް ދަނީ ވިއްކަމުންނެވެ.
އޮގަސްޓްމަހުގެ ނިޔަލަށް ގާނޫނާ ހިލާފަށް ޑޮލަރު ގަނެވިއްކި ކަމުގެ ތުހުމަތުގައި ހަ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރެކޯޑްތަކަށް ބަލާނަމަ މި ހަ މީހުންނަނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި، އެމީހުންގެ އެކައުންޓުތަކުގައި 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރުވެފައިވާކަމަށް ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސްނެތި މުއާމަލާތް ހިންގަމުންދިޔަ ބައެއް ކުންފުނިތަކާމެދުވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ކުންފުނިތަކުގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists