އަންނަ ރޯދަ މަހުގެ ފަހު 15 އާ ދިމާކޮށް އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ބޭއްވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ. ރޯދަ މަހުގެ ފަހު ފަނަރައިގެ ޕެކޭޖުގެ އިތުރުން މުޅި ރޯދަ މަހަށް ހާއްސަ ޕެކޭޖެއް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ތައާރަފުކޮށްފައެވެ.
ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުވައިލައިފައެވެ. ޖާގަ ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް ނުވަތަ އެ ކޯޕަރޭޝަންގެ ވެބްސައިޓް ބޭނުންކުރެވޭނޭކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އުމްރާ ޕެކޭޖުތަކުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ ކްލިނިކް ހިދުމަތާއި، ފާމަސީގެ ހިދުމަތާއި، ހިލޭ ވެކްސިން ޖެހުމާއި، ހައިސްޕީޑް ރޭލުގައި މަދީނާއަށް ދަތުރުކުރުމާއި، މަދީނާގައި ތިން ރޭ ހޭދަކުރުމާއި، ދިވެހި ކެއުމާއި، ލޯންޑްރީ ހިދުމަތާއި، ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދާއި، އުމްރާ ކިޓާއި، ބަގީ ހިދުމަތާއި، ލޮކޭޝަން ޓްރެކިން ޑިވައިސް ހިމެނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ދުރު ރާސްތާ ޕްލޭނަކީ ރޯދަ މަހުގެ އިތުރުން ޖުލައި މަހާއި ޑިސެމްބަރު މަހުގައި ވެސް ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists