ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ކަށަވަރުކޮށްދީފިއެވެ.
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ.
މި ހަމަލާގައި ޒަޚަމްވި 309 މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، އެ އެންމެންނަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ފިޔަވަޅަކީ އެމަޖެންސީ ޓީމުތަކުން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް ޖީއޭސީއޭއިން ބުންޏެވެ.
މި ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް އެ އެއާޕޯޓަށް ދެވުނު ދެ ހަމަލާއެއްގައި ސައުދީ ތިން ރައްޔިތުން މަރުވެފައިވަނިކޮށެވެ. ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދިނުން އިތުރުވެފައިވާއިރު ޔޫއެސް އެކެރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ހޫތީންގެ މި ހަމަލާތައް ހަރުކަށި އިމާރާތުން ކުށްވެރިކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists