އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވަރުވެގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ޓޮޓްނަމް އިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެއީ މެޗުގެ 73 ވަނަ މިނެޓުގައި ބްރަޔަން އެމްބިއުމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފޯރިގަދަވެ، މަސްލަހަތު ގޯސްވީ ޔުނައިޓެޑުން ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޓޮޓެންހަމްގެ ރޮޑްރިގޯ ބެންޓަންކޫރަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. ޔުނައިޓެޑްގެ ލޫކް ޝޯއާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން ބެންޓަންކޫރު ބޯ ޖަހަން އުޅުމުން ރެފްރީ ވަނީ އޭނާއަށް އިތުރު އިންޒާރެއް ދިނުމެއްނެތި ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅިގެން ދެ ޓީމުގެ ބެންޗާ ދެމެދުވެސް ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނަމަވެސް، ޓޮތްނަމްއިން ލަނޑު ޖެހީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ސޮލަންކޭ އެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. މެޗުން ޓޮތްނަމްއަށް ޕޮއިންޓެއް ލިބުނު ނަމަވެސް ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ކުޅޭ އެ ޓީމަށް އަދިވެސް ލީގުގައި މޮޅެއް ނުލިބެއެވެ. އެ ޓީމު އެންމެ ފަހުން ލީގު މެޗަކުން މޮޅުވެފައިވަނީ މިދިޔަ މެއި މަހުގައެވެ
Advertisement
This content is created and paid for by advertisers and does not involve Voice Journalists