ގުރުއާން މުބާރާތްތައް ނުބާއްވައި މިއުޒިކު ޝޯވްތައް ބާއްވާތީ ކަންބޮޑުވެއްޖެ

17 Aug 2019 | 13:38

ދިވެހިރާއްޖޭގައި ގުރުއާން މުބާރާތްތައް ނުބާއްވައި، މިއުޒިކް ޝޯވްތައް ބާއްވަމުންދާތީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރ އަދި މަޝްހޫޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.ޝަހީމް މި ބީދައިން ވިދާޅުވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ.

އެބޭފުޅާ ވިދާޅުވީ މުޅި ގައުމުގައި އޮތޯ ކުޅިވަރާއި މަޖަލާއި މިއުޒިކް ޝޯވތައްކަމަށާއި އުވިގޮސްފައިވާ މިއުޒިކީ އީދުތައް ވެސް އަލުން ދިރުވައި އާލާ ކުރެވެމުންދާ ކަމަށެވެ. އެކަންކަމަށް މުހިއްމުކަން ދެވި، އެ ކަންކަން ގައުމީ ފެންވަރުގައި ޕްރޮމޯޓް ކުރެވިގެންދާއިރު، ގައުމުގައި ދެމިގެން އައިސްފައިވާ އިސްލާމްދީނުގެ މަތިވެރި ޝިޔާރުތައް ފަނޑުވެގެން ދާތަން ފެނުމަކީ ކޮޅުނެތްކޮޅަށް ހިތާމަކުރާ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ މި ޕޯސްޓްގައި ވަނީ ގައުމީ ފެންވަރުގައި ބޭއްވޭ ހަތަރު ގުރުއާން މުބާރާތް މިއަހަރުގެ މިހާތަނަށް ބޭއްވިފައި ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑރ.ޝަހީމް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް މަސައްކަތްކޮށް ގުރުއާން މަތިވެރި ކުރުމަކީ ރާއްޖޭގައި ގާއިމުރި ކޮންމެ ސަރުކާރުން ވެސް ނުހަނު އަހައްމިޔަތުކަމެއް ދިން ކަމެއް ކަމަށެވެ.

މީގެ އިތުރުން ކީރިިތި ގުރުއާނާއި ބެހޭ މަރުކަޒުގައި އިސްވެރިއެއް ނެތި ގިނަ ދުވަސްވުމާއި، ހާފިޒުން އުފެއްދުމުގެ މަޝްރޫއު ހުއްޓިފައި އޮތުމަށްވެސް ޝަހީމް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ.

މި ޕޯސްޓް ނިންމާލަމުން ޝަހީމް ވަނީ މިކަންކަމާއި މެދު ފުންކޮށް ވިސްނައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement