ޗެލްސީ ޕޮއިންޓަކުން ފުއްދާލައިފި

19 Aug 2019 | 03:59

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލެސްޓާ ބައްދަލުކުރި މެޗް 1-1 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ޖުމްލަކޮށް ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ ޗެލްސީއެވެ. މި ގޯލް ޗެލްސީއަށް ކާމިޔާބު ކޮށްދިނީ 7 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން މިޑްފީލްޑާ މޭސަން މައުންޓްއެވެ. ޗެލްސީއަށް މި ގޯލު ކާމިޔާބު ކުރެވުނީ ލެސްޓާގެ މިޑްފީލްޑާ އެންޑީޑީއަށް ހެދުނު ވަރަށް ބޮޑު ގޯހަކުންކަން ފާހަގަކޮށްލެވެއެވެ.

ކާމިޔާބު ކުރެވުނު އަވަސް ގޯލަށްފަހުވެސް ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ޗެލްސީއެވެ. އެއާ ހިލާފަށް ދެވަނަ ހާފުގައި ލެސްޓާވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ އޮއެވަރު ބަދަލު ކޮށްލާފައެވެ. އޭގެ ނަތީޖާއަކަށްވީ ދެވަނަ ހާފުގެ މެދުތެރެއިން މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ލެސްޓާ ނަތީޖާ އެއްވަރު ކުރުމެވެ. މި ގޯލް ލެސްޓާއަށް ކާމިޔާބު ކޮށްދިނީ އެންޑީޑީއެވެ.

ދެވަނަ ހާފުގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ ލެސްޓާގެ އެޓޭކިންގ މިޑްފީލްޑާ ޖޭމްސް މެޑިސަންގެ ކުޅުމެވެ. އޭނާވަނީ ލެސްޓާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާ އެޓީމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމުގައި މުހިންމު ދައުރެއް މި މެޗުގައި އަދާކޮށްފައެވެ.

މެޗުގެ ނަތީޖާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ މިއީ އަދި ސީޒަނުގެ ވަރަށް ކުރީކޮޅު ކަމަށައި ކެއްތެރިވާން ޖެހޭ ކަމުގައެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާ ފުރަތަމަ ހާފުގައި ދޭއް ނޫނީ ތިން ގޯލް ކާމިޔާބު ކުރެވުނުނަމަ އިދިކޮޅު ޓީމަށް މެޗު ތެރެއަށް ވަދެގަތުމަށް އުނދަގޫވީސް ކަމަށް ގަބޫލު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ. މި ނަތީޖާއިން ލިބިގަންނަންވީ ފިލާވަޅަކީ އަދި އިތުރަށް މަސައްކަތްކޮށް ރަނގަޅު ކުރަން ޖެހޭ ކަމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުން ކަމަށްވެސް ލަމްޕާޑް ފާހަގަކުރިއެވެ.

ލެސްޓާގެ ކޯޗް ބްރެންޑަން ރޯޖާސް ބުނީ އޭނާގެ ޓީމް ދެވަނަ ހާފަށް ނުކުތީ ޕޮޒިޓިވް ވިސްނުމެއްގަ ކަމަށައި އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

މި މެޗަކީ ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށްފަހު އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗު ނިމުނީ 4-0 ކުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.

ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކީ ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ފަނަރަ ވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement