ނޭމާ ސްކޮޑުގައި ނުހިމަނާ ކުޅުނު ޕީއެސްޖީ ބަލިވެއްޖެ

19 Aug 2019 | 04:06

ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ. ފްރާންސް ލީގުގައި ރެނެސްއައި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 2-1 ކުންނެވެ.

ގިނަ ވަގުތު ޕީއެސްޖީއިން ބޯޅަ ގެންގުޅުނު މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީވެސް އެޓީމުންނެވެ. އެއީ ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ކަވާނީ ޖެހި ގޯލާއެކީއެވެ. މިނޫނަސް ޕީއެސްޖީ ވަނީ ގޯލު ޖަހާނެ ރަަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އެމްބާޕޭ އަދި ކަވާނީ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއްވަނީ އިދިކޮޅު ގޯލުގެ ދަނޑިއާވެސް އަމާޒުވެފައެވެ.

ޕީއެސްޖީގެ ގޯލަށް ގިނައިރުތަކެއް ނުވަނީސް ރެނެސްވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ރެނެސް އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާ ޕީއެސްޖީ ޕްރެޝަރަށް ވައްޓާލިއެވެ. އެއާއެކު ޕީއެސްޖީވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭތޯ ހަމަލާތަކެއް އުފައްދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެމްބާޕޭ އަދި ކަވާނީ ލިބުނު ފުރުސަތުތައް ބޭނުން ނުހިފުނުކަން ފާހަގަކޮށްލެވެއެވެ.

މި މެޗަށް ޕީއެސްޖީ ނުކުތީ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑަށް ބަދުވާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ސްކްޑުގައި ނުހިމަނައެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗަށްވެސް ޕީއެސްޖީ ނުކުތީ ނޭމާއާ ނުލައެވެ.

ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކީ ޕީއެސްޖީ އޮތީ އަށް ވަނައިގައެވެ. ތާވަލުގެ އެއްވަނައިގަ އޮތީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ލިޔޯންއެވެ. އެއީ ދެމެޗުން ލިބުނު ހަ ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް

Advertisement