30 އަހަރުތެރޭ ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑުގައި ޕެލަސްއިން ޔުނައިޓެޑް ބަލިކޮށްފި

24 Aug 2019 | 21:26

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗް 1-2 ކުން ޕެލަސް ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެން ހައިރާން ކޮށްލުމަށްފަހު ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ޕެލަސްއެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ގެންގުޅެ ހަމަލާތަކެއް އުފައްދަން ޔުނައިޓެޑް މަސައްކަތް ކުރަމުން ދަނިކޮށް ޕެލަސްއިން މި ގޯލް ކާމިޔާބުކުރީ އެޓީމުގެ ފުރަތަމަ ޝޮޓާއެކީއެވެ.

32 ވަނަ މިނެޓުގައި ޕެލަސްގެ އަޔޫ ކާމިޔާބު ކުރި ގޯލުގައި ޔުނައިޓެޑުގެ ޑިފެންޑަރ ލިންޑެލޯފް އަދި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންސިވް ކުޅުންތެރިޔާ މެގުއެއާގެ މިސްޓޭކް ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-0 ކުން ޕެލަސް ކުރީގައި އޮވެ ނިންމާލިއިރު މުޅި ދެވަނަ ހާފުގައި ބޯޅަ ޑޮމިނޭޓް ކޮށްފައިވަނީ ޔުނައިޓެޑުންނެވެ. ބޯޅަ ޑޮމިނޭޓްކުރި ނަމަވެސް ޔުނައިޓެޑަށް އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ޕްރެޝަރުގައި ކުޅެމުން ދިޔަ ޔުނައިޓެޑަށް މެޗުގައި ގޯލް ޖަހާނެ ފުރަތަމަ ރަނުގެ ފުރުސަތަކަށް ލިބުނީ ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް މާކަސް ރަޝްފޯޑް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ.

ގޯލެއް ޖެހުމަށް ހިތްވަރު ކުރަމުންދިޔަ ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބުނީ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށް ޖޭމެސް ވަރަށް ރީތިކޮށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލާއެކީއެވެ. ނަމަވެސް ޕެލަސްވަނީ އެގޯލަށް މިނެޓްތަކެއް ނުވަނީސް އިތުރު ގޯލެއް ޖަހާ ލީޑް ނެގުމަށްފަހު ޔުނައިޓެޑް ސަޕޯޓަރުން ހިތްދަތި ކޮއްލާފައެވެ.

މިއީ 30 އަހަރުތެރޭ ޕެލަސް، ޔުނައިޓެޑް، ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބަލިކުރި ފުރަތަމަ ފަހަރެވެ.  

Advertisement

ކޮމެންޓް