ރިޟްވާންގެ މައްސަލައާއި ގުޅިގެން ދެ ފުލުހުން ހައްޔަރުނުކުރެވެނީ އެކަށީގެންވާ ހެކި ނެތީމަ: ފުލުހުން

06 Sep 2019 | 23:10

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅިގެން ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ދެ ފުލުހުން ހައްޔަރުކޮށްފައި ނުވަނީ އެކަށީގެންވާ ހެކި ނެތިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ފުލުހުންނަށް އަންގަވައިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ފުލުހުންގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި މާ ކުރިން ފެށިގެން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ދެ ފުލުހުން އިއްޔެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކުރި ކަމަށް ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ ރިޔާސީ ކޮމިޝަނުން އިއްޔެ ފޮނުވި ސިޓީއެއްގައި އެ ދެ ފުލުހުންގެ އިތުރުން ފުލުހުންގެ އެހެން އޮފިސަރެއްކަމުގައިވާ މުހައްމަދު ފަޔާޟް އިސްމާއިލްވެސް ފުލުހުންނަށް ދިން ބަޔާނުގައި ފުށު އެރުންތަކެއް ހުރުމުން ތަހުގީގުކުރުމަށް އެދުނު ކަމަށެވެ.

މި ބަޔާނުގައި ބުނީ އެކޮމިޝަނާއި ކުރެވުނު މަޝްވަރާތަކުގައި ކުރީގެ ބައްދަލުވުންތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން އެ ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ފުލުުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވޭނެ ވަރަށް ހެކި ލިބިފައި ނެތްކަމަށެވެ. 

އެެހެންކަމުން އެ ފުުލުހުން ހައްޔަރުކުރަން ޖެހޭފަދަ ގާނޫނީ ސަބަބުތަކެއް އޮތްކަމަށް ނުދެކޭ ކަމަށާއި އިދާރީ ތަހުގީގު ކުރަމުން ދިޔުމަށް ކޮމިޝަނުން އެންގިކަމަށް ބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް

Advertisement