Advertisement

ގައުމީ ޓީމްގެ އާ ޖާޒީ މިރޭ އިފްތިތާހުކުރާ އިރު، ޑިޒައިނަރަށް ދައުވަތެއް ނުދޭ!

11 Sep 2019 | 23:57

ވޯލްޑް ކަޕް ކޮލިފައިންގގައި ރާއްޖެއާއި ޗައިނާ މިރޭ ކުޅޭ މެޗްގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ކުރެވޭ އެއްކަމަކަށް ވާނީ ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ރަސްމީގޮތުން އިފްތިތާހު ކުރުމެވެ. މި ޖާޒީ މިރޭ އިފްތިތާހުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި އާ ޖާޒީގެ އެންމެ ޚާއްސަ ކަމަކީ މި ޖާޒީ ޑިޒައިންކޮށް ނުވަތަ ފަރުމާކޮށްފައިވަނީ ދިވެއްސެއްކަމެވެ. ފަރުމާކުރުމުގެ ފަންނުގައި ފިޔަޖަހަމުން އަންނަ ޒުވާން ފަންނުވެރިއެއް ކަމުގައިވާ ޝާޒިފް އާދަމެވެ. ޝާޒިފްގެ ފަރުމާގައި، ހޯމް ޖާޒީގެ ކުލައިގައި ވަނީ ރަތެވެ. އެއީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ "ރެޑް ސްނެޕާ" ނުވަތަ ރަތް މަހަށް ނިސްބަތްކޮށެވެ.

ނޫކުލައިގެ އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ދިވެހިރާއްޖެ ވަށައިގެންވާ ކަނޑުގެ ރާޅުތަކެވެ.

މި ޖާޒީ ފަރުމާކޮށްގެން ބީއެމްއެލްއިން ޝާޒިފަށް 25،000ގެ އިނާމެއް ލިބުނެވެ. ނަމަވެސް އެ އިނާމަށްވުރެ ޝާޒިފަށް މުހިންމުވީ ގައުމީ ޓީމްގެ ކުޅުންތެރިން އޭނާގެ ޖާޒީ ލައިގެން ދަނޑުމަތީގައި ކުޅެލާނެ މަންޒަރު ފެނުމެވެ. ނަމަވެސް ކަން ދިމާވީ އެގޮތަކަށް ނޫނެވެ.

މިރޭގެ މެޗްގައި އާ ޖާޒީ އިފްތިތާހުކުރާއިރު، އެތަން ބަލާލުމުގެ ދައުވަތެއް އެފްއޭއެމްގެ ފަރާތުން ޝާޒިފަށް ދީފައެއް ނުވެއެވެ.

ޓްވިޓަރގައި ޝާޒިފް ބުނީ އެ ޖާޒީ ރަސްމީކޮށް އިފްތިތާހުނުކޮށް، އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ބޭނުންކޮށްފައިވާކަމަށެވެ. އަދި އެ ދުވަސްވަރު އެ ޑިޒައިން ސޯޝަލް މީޑިޔާގައި އާންމުކުރިކަން އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން ޝާޒިފް ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައްދަލުކޮށް، އެ ޖާޒީއަށް ބަދަލެއް ގެންނަން ބޭނުންނަމަ އެކަންކުރުމަށްވެސް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. ނަމަވެސް އެފްއޭއެމްއިން ޝާޒިފަށް އެންގުމެއް ނެތި އެ ޖާޒީގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިރޭ ލޯންޗްކުރަނީ އެހެން ބްރޭންޑެއްގެ ޖާާޒީއެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ ޝާޒިފް މުބާރާތަކަށް ފަރުމާކުރި އެއްޗަކަށްވުމުން ގާނޫނީ މައްސަލައެއް ނުޖެއްސޭނެކަން އޭނާވެސް އެއްބަސްވެއެވެ. އެހެނަސް ޝާޒިފްގެ ފަރުމާއަށް އޭނާއަށް ނާންގާ ބަދަލުގެނެސް، ލޯންޗްކުރާއިރު އަމުދުން އޭނާއަށް ދައުވަތު ނުދިނުމަކީ އިންސާފުވެރި ކަމެއްތޯ ސުވާލު އުފެދެއެވެ.

Advertisement

ކޮމެންޓް

Advertisement