Advertisement

ރައީސް ނަޝީދުގެ ނިންނެވުމަކާއި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ދެކޮޅު ހައްދަވައިފި

15 Sep 2019 | 20:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނިންމެވުމަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ދެކޮޅު ހައްދަވައިފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް ހުށައެޅުނު ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހްތައް ހުށައަޅާފައިވަނީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައެވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންފުޅުވީ އެ ޖަލްސާ ބާއްވަން ޖެހޭ ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސްކުރެއްވުމަށެވެ.

ނަމަވެސް އެމަނިކުފާނު މިހެން ވިދާޅުވުމުން އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އާޒިމް ވިދާޅުވީ އެކަމާއި މެދު އިތުރަށް ބަހުސްކުރަން ނުޖެހޭނެކަމަށާއި ޚާއްސަ ޖަލްސާއެއް ބާއްވަން ޖެހޭ ސަބަބު މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާނެކަމަށެވެ.

އަދި އެކަމަށް ބަހުސްކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި މަޖިލީހުގެ ގަވާއިދުގައި އެ ފުރުސަތެއް ނެތްކަމަށެވެ. މިހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އާޒިމަށް ރައްދުދެއްވައި، އެމަނިކުފާނަށް މަޖިލިސް ޤަވައިދު ސާފުކޮށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުވެސް ވަނީ އެ ނިންމެވުމާއި ދެކޮޅު ހައްދަވާފައެވެ.

ނިޔާާޒު ވިދާޅުވީ މަޖިލީހުގެ އިޖުރާއަތްތަކުގެ ބޭރުން އެއްވެސް ކަމެއްކުރުމަށް ނޭދޭކަމަށާއި، ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ޖަލްސާ ބޭއްވުމަށް އެދޭ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement