މިނިސްޓަރު ފައްޔާޒުގެ ޗެލެންޖު: ބިދޭސީންގެ މައްސަލައަށް ލިބުނު އުއްމީދެއް!

19 Sep 2019 | 10:48

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ޒަމާނުންސުރެ ހައްލު ނުކުރެވި އޮތް ވަރަށް ބޮޑު މައްސަލައެކެވެ.

ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން، ދިވެހިންނަށް އެތައް ވަޒީފާއެއް ގެއްލި، އެތައް ފައިސާއެއް ގައުމުން އެބަ ބޭރުވެއެވެ. މީގެ ގިނަ އަހަރުތަކެއް ކުރިން، އަވަށްޓެރި ގައުމުތަކުންނާއި، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެ އެތެރެވާން ފެށި ބިދޭސީންގެ މައްސަލަ ދިގުލައިގެން ގޮސް، އެމައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު މުޅީން ގެއްލިފައިވަނިކޮށް، ދިވެހިންގެ އުއްމީދުތައް އާކޮށްދީ، ބިދޭސީންގެ ކިބައިން "މިނިވަން"ވެދާނެކަމުގެ ފޮނި އުއްމީދު ދިވެހިންނަށް ގެނެސްދެނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މިނިސްޓަރު އެހުންނެވީ ވަރުގަދަ އަޒުމެއްގައެވެ.

"މިކަން ހައްލު ކުރާނަން. ނުވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑު މަގާމަކު ނުހުންނާނެ" މިއީ މިނިސްޓަރުގެ އަޒުމް ދޭހަކޮށްދޭ ބަސްފުޅެވެ. އެ ވައުދާއެކު އިކޮނޮމިކް މިނިސްޓްރީން މުހިންމު ފިޔަވަޅުތަކެއްވެސް ވަނީ އަޅަން ނިންމާފައެވެ.

އޭގެ ތެރޭގައި، ރާއްޖެއަށް ބިދޭސީން ގެންނައިރު، ކޯޓުގައި ރަޖިސްޓްރީ ވެގެން، ކޯޓާ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމެވި، ނިންމެވުން ފާހަގަކޮށްލެވެއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އެކަން ކުރަން ނިންމެވީ، އެއްވެސް ހަމައެއް ލަމައެއް ނެތި، ރާއްޖެ ގެންނަ ބިދޭސީން ހުއްޓުވުމަށް ކަމަށެވެ.

އަދި މީގެ އިތުރުން، ބިދޭސީންނަށް ގިނަ ވަޒީފާތައް ލިބޭ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން، ދިވެހިން ޝައުގުވެރިވާ ވަޒީފާތަކަށް ދިވެހިންނަށް ވަކި ވަރަށް ކަނޑައަޅަންޖެހޭ ގޮތް ހަދަން ނިންމެވުމާއި، ބިދޭސީންނަށް ގިނައިން ދެވޭނެ ވަޒީފާތަކަކީ ދިވެހިން ޝައުގު ނުހުންނަ މަސައްކަތްތައް ކަމުގައި ހަދަން ނިންމާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން، އިކޮނޮމިކް މިނިސްޓްރީގެ ޗެއާގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ ޓާސްކް ފޯހެއް ހަދާފައިވާއިރު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ޓާސްކް ފޯހުގެ ސަބަބުން، ބިދޭސީންގެ ކަންކަމަކީ، މިނިސްޓްރީއަށްވެސް "ވާނުވާ" އެނގިގެން ކުރާ ކަންކަމަށް ވެގެންދާނެ ކަމަށެވެ.

ދާދިފަހުން ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓު ކުރާ ދެމީހަކު ޑީޕޯޓު ކުރާ މައްސަލައަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެކަން ހިނގިކަން ނޭނގޭ ކަމަށާއި، އެނގުނު ނަމަ، އެ މައްސަލައާއި ގުޅުންހުރި ދިވެހިންވެސް ހޯދަން މިނިސްޓްރީން ބޭނުން ކަަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުުރުމުގެ ގޮތުން، ބަންގްލަދޭޝްއިން "އަންސްކިލްްޑް" ނުވަތަ ހުނަރު ނެތް މީހުން އެއް އަހަރު ވަންދެން ނުގެނެވޭނެ ގޮތް ހަދަންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއީ މުހިންމު ނިންމުމެެކެވެ. މިހާރުވެސް އެގައުމަށް ނިސްބަތްވާ، ބައިލައްކައެއްހާ ބިދޭސީން މިގައުމުގައި ގަވައިދާ ހިލާފަށް އެބައުޅެއެވެ.

މިއީ ހައްތާވެސް މުހިންމު ފިޔަވަޅުތަކެވެ. މި ފިޔަވަޅުތައް އެޅިއްޖެނަމަ، ދިވެހިންނަށް ބިދޭސީންގެ މައްސަލައިން މިންޖުވެވިދާނެއެވެ. 

Advertisement

ކޮމެންޓް

Advertisement